Wednesday, April 8, 2015

ސްޓޫޑެންޓް ސެންޓާރޑް ލާރނިން

ސްޓޫޑެންޓް

މަސައްކަތް: 1 (ދަރިވަރުންގެ އުނގެނުން ކުރިއެރުވުމުގައި މުދައްރިސަށް އިސްކަންދޭ ( ޓީޗަރ-ސެންޓާރޑް ) ކިޔަވައިދިނުމަށް ވުރެ ދަރިވަރަށް އިސްކަންދޭ ( ސްޓޫޑަންޓް-ސެންޓާރޑް ) ކިޔަވައިދިނުން ދިވެހިރާއްޖޭގެ ސްކޫލްތަކުގައި ކިޔަވައިދޭ ދިނުމުގައި ރަނގަޅުކަމަށް ޤަބޫލުކުރެވެނީ ކޮންޙާލަތެއްގައި ކިހާ މިންވަރަކަށް ހެއްޔެވެ؟)
            

 މުދައްރިސަށް އިސްކަންދޭ ކިޔަވައިދިނުމަކީ މުދައްރިސްގެ ރޯލް އިތުރުކޮށް ނުވަތަ މުދައްރިސަށް ބަރޯސާވެގެން ކިޔަވައިދިނުމެވެ. ދަރިވަރަށް އިސްކަންދޭ ކިޔަވައިދިނުމަކީ ކިޔަވައިދޭ ފިލާވަޅުތައް ދަރިވަރަށް ބަރޯސާކޮށްގެން ކިޔަވައިދިނުމެވެ. މުދައްރިސަށް ބަރޯސާވާ ކިޔަވައިދިނުމުގައި މަޢުލޫމާތުތަކެއް ފޯރުކޮށް ދެވިދާނެއެވެ.އެހެންނަމަވެސް ދަރިވަރަށް އެމަޢުލޫމާތުތައް ދިރިއުޅުމުގައި ބޭނުންކުރާކަށް ނޭގޭނެއެވެ. އަދި މިގޮތަށް ކިވައިދޭނަމަ ދަރިވަރުން އުނގެނުމަށްޓަކައި މާބޮޑު މަސައްކަތެއް ކުރާކަށް ބޭނުމެއް ނުވާނެއެވެ. ދަރިވަރުން ތިބޭނީ މުދައްރިސް މަޢުލޫމާތު ދޭނެތީ މުދައްރިސްގެ ފަރާތުން މަޢުލޫމާތު ހޯދުމަށް ވިސްނައިގެންނެވެ. އެހެންނަމަވެސް ދަރިވަރަށް ބަރޯސާވާ ކިޔެވުމުގައި ދަރިވަރުގެ ރޯލްބޮޑުވެފައިވާތީ ފިލާވަޅު ދަސްކުރުމަށްޓަކައި ދަރިވަރު ވަރަށް މަސައްކަތް ކުރާނެއެވެ. އެގޮތުން ފިލާވަޅާއި ގުޅޭ ތަފާތު މަޢުލޫމާތުތައް ހޯދުމަށް ދަރިވަރުން މަސައްކަތް ކުރާނެއެވެ. މިގޮތަށް ކިޔެވުމުގެ ސަބަބުން ދަރިވަރުންނަށް ފިލާވަޅުތައް ދަސްވާ މިންވަރު އިތުރުވެއެވެ. އަދި ފިލާވަޅާއި ގުޅޭ ގިނަ މަޢުލޫމާތުތަކެއް ދަރިވަރުންނަށްލިބި ދަރިވަރުންގެ މަޢުލޫމާތު މުއްސަނދިވެއެވެ. މިކަމުގެ ސަބަބުން ދަރިވަރުންނަށް ލިބޭ މަޢުލޫމާތުތައް ދަރިވަރުންގެ އަސްލު ދިރިއުޅުމުގައިވެސް ބޭނުން ކުރެވެއެވެ.
          ދިވެހިރާއްޖޭގެ ސްކޫލްތަކުގައި ކިޔަވައިދިނުމުގައި ކޮންމެ މާއްދާއަކުންވެސް ގިނަ ޓެސްޓްތަކެއް ނަގައެވެ. ނުވަތަ ހަދަން ޖެހެއެވެ. ދަރިވަރުންގެ ފެންވަރު ވަޒަންކުރުން ގުޅިފައިވަނީ ޓެސްޓްތަކާއެވެ. އެހެންކަމުން ދިވެހިރާއްޖޭގެ ސްކޫލްތަކުގައި ދަރިވަރަށް ބަރޯސާކޮށްގެން ކިޔަވައި ދިނުމަކީ ވަރަށް މުހިއްމު ކަމެކެވެ. އައިޝަތު ޒައީމާ (2011) ވިދާޅުވާގޮތުގައި ދަރިވަރަށް ބަރޯސާކޮށްގެން އުނގެނުމާއި މުދައްރިސަށް ބަރޯސާވެގެން އުނގެނުމުގެ އެންމެބޮޑު ތަފާތެއް ފެނިގެންދަނީ ވަޒަންކުރުމުގެ ތެރެއިންނެވެ. ވަޒަންކުރުމުގައި ދަރިވަރުގެ ބައިވެރިވުން ވަރަށްބޮޑަށް އެކުލެވިގެން ވެއެވެ. މީގެ މާނައަކީ ދަރިވަރުގެ އުނގެނުން ބައްޓަން ކުރާނެގޮތް ކަނޑައެޅުމުގައި ދަރިވަރުގެ ރޯލެއް ހިމެނިގެން ދިއުމެވެ. މިކަމުގެ ސަބަބުން ވަޒަންކުރުމުގެ ތެރޭގައި ދިމާވާ މައްސަލަތައް ހައްލުވެގެން ދެއެވެ. މިފަދަ ސަބަބުތަކަށްޓަކައި
ދިވެހިރާއްޖޭގެ ސްކޫލްތަކުގައި ދަރިވަރަށް އިސްކަންދޭ ކިޔަވައިދިނުން ވަރަށް މުހިއްމެވެ.
       ފިލާވަޅުތަކުގެ މަޢުލޫމާތު ނުވަތަ ފިލާވަޅު އޮޅުން ފިލުވައިދިނުމުގައި މުހިއްމު ދައުރެއް އަދާކުރަންޖެހެނީ މުދައްރިސެވެ. އެހެންނަމަވެސް ފިލާވަޅުތައް ކުރިއަށްގެންދާއިރު ދަރިވަރުންގެ ބޭނުންތަކާއި ގުޅުވާލައިގެން ކުރިއަށް ގެންދިއުމަކީ ވަރަށް މުހިއްމު ކަމެކެވެ. މިގޮތަށް ގެންދެވިއްޖެނަމަ ދަރިވަރުންގެ ޤާބިލިއްޔަތުކަމާއި ޝަޢުޤުވެރިކަން ކުރިއަރާ ދާނެއެވެ. " ކިޔަވައިދިނުމުގައި ބޮޑަށް އަލިއަޅުވާލަންވާނީ ދަރިވަރުންގެ ބޭނުންތަކަށާއި،ޤާބިލިއްޔަތުކަމަށާއި، ދަރިވަރުން ޝަޢުޤުވެރިވާ ކަންތައްތަކަށާއި،ދަރިވަރުންނަށް ކިޔަވައިދިނުމުގައި ގުޅިގެންކުރިއަށް ގެންދެވިދާނެއެކިއެކި ގޮތްތަކަށެވެ"(އައިޝަތު ޒައީމާ ،2011).
ތާވަލު: ދިވެހިރާއްޖޭގެ ސްކޫލްތަކުގައި ކިޔަވައިދިނުމުގައި ޓީޗާރ - ސެންޓާރޑް ލާރނިންގއާއި ސްޓޫޑަންޓް-ސެންޓާރޑް ލާރނިންގ ބޭނުންކުރެވޭ މިންވަރާއި ،ދަރިވަރުންނަށް ދޭހަވާ މިންވަރު
ކުރެވުނު ސުވާލު
އެއްބަސްވީ އަދަދު
%
އެއްބަސްނުވާ %
ތިބާގެ ކިޔަވައިދިނުމުގައި ބޮޑަށް ބޭނުންކުރަނީ ޓީޗާރޑް-ސެންޓާރޑް ލާނިންހެއްޔެވެ؟
30
100
0    0
ދަރިވަރުންބޮޑަށް ޝަޢުޤުވެރިވަނީ ޓީޗާރޑް-ސެންޓާރޑްލާނިންގ ބޭނުންކުރީމައެވެ.
30
100
0    0
ސްޓޫޑަންޓް-ސެންޓާރޑް ލާނިންގ ބޭނުންކުރުމުން ދަރިވަރުންނަށް ދޭހަވާ މިންވަރު އިތުރުވެއެވެ.
27
90
3    10
 ތާވަލުން ދައްކާގޮތުގައި ދިވެހިރާއްޖޭގެ ސްކޫލްތަކުގައި ކިޔަވައިދިނުމުގައި ބޮޑަށް ބޭނުންކުރެވެނީ ސްޓޫޑަންޓް-ސެންޓާރޑް ލާރނިންގއެވެ. މިކަން ޓީޗަރުންނާއި ކުރެވުނު ސާރވޭއިން ވަރަށް ރަނގަޅަށް އެނގެއެވެ. ސާރވޭގައި ބައިވެރިވި 100% ބޭފުޅުންވެސް މިކަމަށް އެއްބަސްވެ ލައްވައެވެ. ދަރިވަރުން ބޮޑަށް ޝަޢުޤުވެރިވަނީވެސް ސްޓޫޑަންޓް-ސެންޓާރޑް ލާރނިންގ ބޭނުންކޮށްގެން ކިޔަވައިދިނުމުންކަމަށް 100%ބޭފުޅުން އެއްބަސްވެ ލައްވައެވެ. މިކަމުން އެނގިގެންދަނީ ދަރިވަރުން ބޮޑަށް ޝަޢުޤުވެރިކޮށްގެން ފިލާވަޅުތައް ކުރިއަށް ގެންދަން ބޭނުންވާނަމަ ސްޓޫޑަންޓް-ސެންޓާރޑް ލާރނިންގ ބޭނުންކޮށްގެން ކިޔަވައިދޭން ޖެހޭކަމެވެ. އަހޮލާ (1995)ގެ ދިރާސާއިން އެނގޭގޮތުގައި ދަރިވަރުންނަށް ބަރޯސާކޮށްގެން އުނގަންނައިދިނުން ބައްޓަންކުރުމަކީ ދަރިވަރުންގެ ޝަޢުޤުވެރިކަން އިތުރުވެ، ދަރިވަރުންގެ އެއްބާރުލުމާއި ބައިވެރިވުން ފުރިހަމައަށް ލިބޭ ކަމެއްކަމުގައެވެ.  ސްޓޫޑަންޓް-ސެންޓާރޑް ލާރނިންގ ބޭނުންކުރުމުން ދަރިވަރުންނަށް ދޭހަވާ މިންވަރު އިތުރުވާކަމަށް ސާރވޭ ކުރެވުނު 30 ބޭފުޅުންގެ ތެރެއިން 27 ބޭފުޅުން ވެއްބަސްވެ ލައްވައެވެ.  އެހެންކަމުން މިކަމަށް ސާރވޭގެ 90%ބޭފުޅުން ވަނީ އެއްބަސްވެލައްވާފައެވެ.  މިކަމަށް އެއްބަސްވެ ނުލައްވަނީ 3 ބޭފުޅުންނެވެ. އެއީ ސާރވޭގައި ބައިވެރިވި ބޭފުޅުންގެ 10%އެވެ.  އައިޝަތު ޒައީމާ (2011 ) ހާމަކުރައްވާގޮތުގައި ދަރިވަރުންގެ އުނގެނުމުގައި އެކުދިންގެ އިޙްސާސްތަކާއި، ޝުޢޫރުތަކާއި ،ވިސްނުމާއި، ފިކުރާއި،ކަންކަމާއިމެދު ދެކޭގޮތް ހާމަކުރާނެއެވެ. މިކަންތައްތަކުގެ ނަތީޖާއެއްގެގޮތުން ދަރިވަރުން ކިޔެވި އެއްޗެއް ދޭހަވާ މިންވަރު އިތުރުވެ ދިގު މުއްދަތަކަށް ހިތުގައި ހަރުލާގޮތް ހުންނާނެއެވެ.        
       މިދެންނެވި ކަންތައްތަކުގެ އިތުރުން  ކުރެވުނު ސާރވޭއިން އެނގުނު ގޮތުގައި ޓީޗަރުން ތަފާތު ޙާލަތްތަކުގައި ސްޓޫޑަންޓް–ސެންޓާރޑް ލާރނިންގ ބޭނުންކުރެއެވެ. އެގޮތުން ފިލާވަޅުތައް ތަޢާރަފްކުރުމުގައާއި، ފިލާވަޅު އޮޅުންފިލުވައިދިނުމުގައި އަދި ތަފާތު އެކްޓިވިޓީޒްތަކުގައި އަދި މީގެ އިތުރުން ޕްރޮޖެކްޓްމަސައްކަތްތަކާއި، ގުރޫޕްމަސައްކަތް ތަކުގައިވެސް މި މެތަޑް ބޭނުންކުރައްވައެވެ. ޓީޗަރުން މި މެތަޑް ބޭނުންކުރައްވާ މިންވަރަށްބަލާއިރު ސާރވޭ ކުރެވުނު ކޮންމެ ޓީޗަރަކުވެސް ހަފްތާޔަކުނަގާ 5ގަޑީގެ ތެރެއިން އެވްރެޖްކޮށް މިމެތަޑްގެ 3 ގަޑި ނަންގަވައެވެ.
       އަޅުގަނޑުގެ ކިޔަވައިދިނުމުގެ ތަޖުރިބާއަށް ބަލާއިރު ދަރިވަރުންނަށް ބޮޑަށް ފަހުމްވަނީ ދަރިވަރުންގެ ބައިވެރިވުން ބޭނުންކޮށްގެން ކިޔަވައިދިނީމައެވެ. ފިލާވަޅު އޮޅުން ފިލުވައިދިނުމުގައި ޓީޗަރގެ ޒިންމާ ވަރަށްބޮޑެވެ. އެހެންނަމަވެސް ފިލާވަޅު ދަރިވަރުންގެ ހަނދާނުގައި ގިނަދުވަހަށް ބެހެއްޓުމަށްޓަކައި ދަރިވަރުންގެ ބައިވެރިވުން ބޮޑުކުރަން ޖެހެއެވެ. އެގޮތުން ފިލާވަޅާއި ގުޅޭ ގިނަ އެކްޓިވިޓީޒްތަކެއް ހަދައި ދަރިވަރުން ބައިވެރިކޮށްގެން ކުރިއަށް ގެންދަންޖެހެއެވެ. ދަރިވަރުންލައްވާ ޢަމަލީގޮތުން ކަންތައްތައް ކުރެވިއްޖެނަމަ ފިލާވަޅުގެ ވަރަށްބޮޑު ބައެއް ގިނަދުވަހަށް ދަރިވަރުންގެ ހަނދާނުގައި ހުރެއެވެ. ބައެއްކަހަލަ ފިލާވަޅުތަކަކީ ދަރިވަރުންލައްވާ ޢަމަލީގޮތުން ކުރުވޭކަހަލަ އެކްޓިވިޓީޒްތަކެއް ގެންގޮސްގެން ނޫނީ ދަރިވަރުންނަށް ފަހުމް ނުވާނޭ ފިލާވަޅުތަކެކެވެ. ސިޓީ،މަޒުމޫނު،ވާހަކަ،ރައިވަރު މާނަކުރުން ،ޅެންމާނަކުރުން ފަދަ ފިލާވަޅުތައް މިގޮތަށް ގެންދަން ޖެހެއެވެ. ޓީޗަރ ބޯޑުގައި ލިޔެގެން ކިތަންމެ ވަރަކަށް ބުނެދިންކަމުގައިވިޔަސް މިފަދަ ފިލާވަޅުތައް ދަރިވަރުންނަށް ދޭހަކުރަން އުނދަގޫ ވެއެވެ. އެހެންކަމުން ދަރިވަރުންގެ ނަތީޖާ ރަނގަޅުކުރެވޭނީ ސްޓޫޑަންޓް-ސެންޓާރޑް ލާރނިންގެ ފިލާވަޅުތައް ކުރިއަށްގެންދެވިގެންނެވެ. ދިވެހިރާއްޖޭގައި ސްޓޫޑަންޓް – ސެންޓާރޑް ލާރނިންގ މުހިއްމު ވަނީ މިފަދަ ސަބަބުތަކަށް ޓަކައެވެ.
މަސައްކަތް:2 ( ދަރިވަރުންގެ ވިސްނުމުގެ ހުނަރު ތަރައްޤީކުރުމަށް ކިޔަވައިދިނުމުގައި ދިވެހިރާއްޖޭގެސްކޫލްތަކުގައި މަސައްކަތްކުރާ މުދައްރިސުންނަށް ކުރިމަތިވާ މައިގަނޑު ގޮންޖެހުންތަކާއި،އެގޮންޖެހުންތައް ހައްލުކުރެވިދާނެ ކަންކަން ބަޔާންކުރާށެވެ.)
        ދަރިވަރުންގެ ވިސްނުމުގެ ހުނަރު ތަރައްޤީ ކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ.ކުއްޖެއްގެ ދިރިއުޅުން ކާމިޔާބުވުމުގައި އެކުއްޖެއްގެ ވިސްނުން ތަރައްޤީވެފައިވާ މިންވަރު ވަރަށްބޮޑު ރޯލެއް އަދާކުރެއެވެ.ނަމަވެސް ދަރިވަރުންގެ ވިސްނުމުގެ ހުނަރު ތަރައްޤީކުރުމުގައި ދިވެހިރާއްޖޭގެ ސްކޫލްތަކުގައި ކިޔަވައިދެއްވާ ޓީޗަރުންނަށް ކުރިމަތިވާ ގޮންޖެހުންތަކެއް އެބަހުއްޓެވެ. އެގޮތުން ރާއްޖެތެރޭގެ ސްކޫލްތަކުގައި ދަރިވަރުންގެ އުމުރާއި ގުޅޭ ތަފާތު ކުޅިވަރުތައް ކުޅެވޭނެ އިންތިޒާމްތައް ހަމަޖެހިފައިނެއްކަމީ ދަރިވަރުންގެ ވިސްނުން ތަރައްޤީ ކުރުމުގައި ޓީޗަރުންނަށް ކުރިމަތިވާ ގޮންޖެހުމެކެވެ.ދަރިވަރުންގެ ވިސްނުމުގެ ހުނަރު ތަރައްޤީކުރުމަށްޓަކައި ދަރިވަރުންލައްވާ ދަރިވަރުންގެ އުމުރާއި ގުޅޭ ތަފާތު ކުޅިވަރުތައް ކުޅުވުމަކީ ވަރަށް މުހިއްމު ކަމެކެވެ. ކުޅިވަރު ކުޅުމުގެ ތެރޭގައި ދަރިވަރުންގެ ވިސްނުމުގެ ހުނަރު ތަރައްޤީ ވެއެވެ. އަދި ދަރިވަރުން ތަފާތު ކަންތައްތަކަށް ވިސްނައެވެ. " ދަރިވަރުންގެ ވިސްނުން ތަރައްޤީކޮށް ކުރިއެރުވުމަށް ދުނިޔޭގައި ވަރަށްގިނަ ކުޅިވަރުތައްވެސް އުފައްދާފައި އެބަހުއްޓެވެ. އޭގެތެރެއިން އެމީހެއްގެ ނުވަތަ އެކުއްޖެއްގެ އުމުރާއިގުޅޭ ކުޅިވަރު ކުޅުމުން ވިސްނުން ކުރިއެރުވިދާނެއެވެ. މިކަމުގެ ސަބަބުން ޢަމަލީގޮތުން ދަރިވަރުން ކަންކަން ކުރުމުން ދަރިވަރުންގެ ކުޅަދާނަކަން އިތުރުވެގެން ދެއެވެ (" އަމިއްލަ މިޒާޖާއި އުޅުން ތަރައްޤީ ކުރާނީކިހިނެއް؟" ،2012). ދަރިވަރުންގެ ވިސްނުމުގެ ހުނަރު ތަރައްޤީ ކުރުމަށްޓަކައި ދަރިވަރުންގެ އުމުރާއިގުޅޭ ތަފާތު ކުޅިވަރުތައް ކުޅެވޭނެ އިންތިޒާމްތައް ހުރިހާ ސްކޫލްތަކެއްގައިވެސް ޤާއިމްކޮށްދެއްވުމަކީ ވަރަށް މުހިއްމު ކަމެކެވެ. އެގޮތުން އެއްވެސް ސްކޫލެއް އިސްތިސްނާ ނުވާގޮތަށް މިކަން ކޮށްދެއްވުމަށް ސަރުކާރު ޚާއްޞަ ސަމާލުކަމެއް ދެއްވަންޖެހެއެވެ. އޭރުން ކުޅިވަރުގެ ތެރެއިން ދަރިވަރުންގެ ވިސްނުމުގެ ހުނަރު ތަރައްޤީކުރުމުގެ ފުރުޞަތު ދަރިވަރުންނަށް ލިބިގެންދާނެއެވެ.
      ދަރިވަރުން މާދަރީބަހަށް ދަށްވުމަކީވެސް ދަރިވަރުންގެ ވިސްނުމުގެ ހުނަރު ތަރައްޤީ ކުރުމަށް ޓީޗަރުންނަށް ދިމާވެފައިވާ ގޮންޖެހުމެކެވެ. މާދަރީބަހަކީ އެބަޔަކު ވާހަކަދައްކާ އުޅޭ އެބައެއްގެ އަމިއްލަ ބަހެވެ. މާދަރީބަހަކީ ކުއްޖެއްގެ  ތަޢުލީމީ ޙަޔާތުގައި ވަރަށް މުހިއްމު ދަޢުރެއް އަދާކުރާ އެއްޗެކެވެ. އަބްދުލްއަޒީޒް ޖަމާލްއަބޫބަކުރު(2014) ވިދާޅުވާ ގޮތުގައި ވިސްނައި ފިކުރުކުރުމަކީ ޢިލްމާއި މަޢުލޫމާތު ލިބިގަތުމުގެ އެންމެ ވަރުގަދަ ހަތިޔާރެވެ. ބަހެއްގެ ޒަރީޢާއިން ނޫނީ ވިސްނައި ފިކުރު ކުރުމަކީ މުސްތަޙީލްކަމެކެވެ. ދުނިޔޭގެ ކޮންމެ ބަހަކުންވެސް އަޚުގަނޑުމެންނަށް މުޢާމަލާތު ހިންގައި މުއާޞަލާތު ކުރެވިދާނެއެވެ. އެހެންނަމަވެސް އުފެއްދުންތެރި އަމިއްލަ ޚިޔާލުތަކާއި ޝުޢޫރުތައް ހާމަކުރެވޭނީ އެމީހެއްގެ އަމިއްލަ މާދަރީބަހުންނެވެ. ދުނިޔޭގެ މަޝްހޫރު އަދީބުންނާއި ލިޔުންތެރީންނަށް އާދަޔާޚިލާފު މޮޅު އަދަބީ އުފެއްދުންތައް އުފެއްދިފައި ހުރީ އެމީހުންގެ މާދަރީބަހުންކަމަށް ވީ ކަމީ މިކަން (އޮތީ މިހެންކަން) ސާފުކޮށްދޭ އަލިގަދަ ދަލީލެވެ. އެހެންކަމުން ދަރިވަރުން މާދަރީބަހަށް ޝަޢުޤުވެރި ކުރުވުމަށްޓަކައި މަންހަޖުގައި ދަރިވަރުންނަށް މާދަރީބަހުން ހަރުދަނާ ސާބިތު މައިދާނެއް ލިބިދެވިއްޖެނަމަ މާދަރީބަހަށް ދަރިވަރުން މޮޅުވެ ، ދަރިވަރުންގެ ވިސްނުމުގެ ހުނަރު ތަރައްޤީ ކުރެވޭނެއެވެ. " ތުއްތުކުދީން އެކުދިންގެ ހުވަފެންތަކާއި ވިސްނުމާއި ޝުޢޫރު އެ ބަހެއްގެ ތެރެއިން ލިބިގަނެވޭ މާދަރީބަސް ބޭނުންކުރުމުގެ ތަމްރީން ހޯދައިދިނުމަކީ އިންސާނީ ސަޤާފަތުގެ އެންމެ ކަވި އަދި އެންމެ އަސާސީ ހަތިޔާރުކަމަށް އޮތީ ވެފައެވެ. އެހެންކަމުން އަޅުގަނޑުމެންގެ ތުއްތު ކުދީންނަށް އެކުދީންގެ ތަޢުލީމީ ދަޢުރުގައި ތަޢުލީމީ މަންހަޖުގައި އެކުދީންގެ މާދަރީބަހުގެ ހަރުދަނާ އަދި ސާބިތު މައިދާނެއް ލިބިދިނުމަކީ ވަރަށްވެސް މުހިއްމު ކަމެކެވެ"(ޢަބްދުލްއަޒީޒް ޖަމާލުއަބޫބަކުރު، 2014). ފޮތްކިޔުމަކީ މަޢުލޫމާތު މުއްސަނދިވާކަމެކެވެ. ތަފާތު ގިނަ މަޢުލޫމާތު ލިބުމުން އިންސާނާގެ ވިސްނުމުގެ ހުނަރު ތަރައްޤީވެ ކުރިއަރައެވެ.
      ފޮތްކިޔުމަކީ މިހާ މުހިއްމު ކަމަކަށް ވާއިރުވެސް ދަރިވަރުންގެ ކިބައިގާ ފޮތްކިޔުމުގެ ޝަޢުޤުވެރިކަން ނެއްކަމީ ދަރިވަރުންގެ ވިސްނުން ތަރައްޤީކުރުމުގައި ރާއްޖޭގެ ސްކޫލްތަކުގައި ކިޔަވައިދޭ ޓީޗަރުންނަށް ދިމާވެފައިވާ ގޮންޖެހުމެކެވެ. ގިނަދަރިވަރުންނަށް އެނގެނީ ފިލާވަޅުގައި އޮންނަ މަޢުލޫމާތުކޮޅު އެކަންޏެވެ. އަދި ޓީޗަރުގެ ފަރާތުން ލިބޭ މަޢުލޫމާތުގެ އިތުރުން ދަރިވަރުންނަށް މަޢުލޫމާތެއް ނުލިބެއެވެ. ހަސަން އުގައިލް (2014) ހާމަކުރައްވާ ގޮތުގައި ފޮތް ކިޔުމާ މެދު ސައިންސްވެރިންގެ ދިރާސާތަކުން ހާމަވާ ގޮތުގައި، ފޮތްކިޔުމާއި ވިސްނުންތޫނުކަމަކީ ވަރަށް ގާތުގައި އޮންނަ ދެކަމެވެ. ޚާއްޞަކޮށް ޅައުމުރުގައި ކުއްޖާ ތަފާތު ފޮތްތަކަށް އަހުލުވެރި ކުރުމަކީ މިކަމަށް ލިބޭ ވަރަށް ބޮޑު
ކުރިއެރުމެއް ކަން ދިރާސާތަކުން އެނގެ އެވެ.
          ދަރިވަރުންގެ ޅައުމުރުންފެށިގެން އެކުދިންނާއި އެކަށީގެންވާ ތަފާތު ފޮތްތައް ކިޔުމަށް ޝަޢުޤުވެރި ކުރެވިއްޖެނަމަ އެކުދިންގެ ހިތްތަކުގައި ފޮތްކިޔުމަށް ލޯބިޖެއްސޭނެއެވެ. މިކަމުގައި ބެލެނިވެރިންގެ ޙިއްޞާ ވަރަށް ބޮޑެވެ. "ޅައުމުރުގައި ކުދިންގެ ކިބައިގައި ފޮތްކިޔުމުގެ އާދަ ހަރުލެއްވުމަކީ ވަރަށް މުހިއްމު ކަމެއްކަން ކަށަވަރެވެ.އަދި މިގޮތުން ތަފާތު ވައްތަރުގެ ފޮތްތައް ކުއްޖާއަށް ފޯރުކޮށްދިނުމަކީ ވެސް މުހިއްމު ކަމެކެވެ. ކުއްޖާގެ ޅައުމުރުގައި ތަފާތު ވައްތަރުގެ ލިޔެކިޔުމަށް ކުއްޖާ ހޭނުމަށް ބެލެނިވެރިންގެ ދަޢުރުވެސް ވަރަށް ބޮޑެވެ"(ހަސަން އުގައިލް،2014).އަދި މީގެ އިތުރުން ސްކޫލްތަކުގެ ލައިބުރަރީ ތަކުގައި ދަރިވަރުންނާއި އެކަށީގެންވާ ފިލާވަޅާއި ގުޅޭ ފޮތްތައް ހުރުމަކީވެސް ފޮތްކިޔުމުގެ އާދަ ދަރިވަރުންގެ ކިބައިގާ ހަރުލެއްވުމަށް އެޅޭނެ ވަރަށްބޮޑު ބާރެކެވެ.  
         ކޮމްޕިއުޓަރގެ ޢިލްމުގެ ތެރެއިން މަޢުލޫމާތު ހޯދާނެ ތަފާތުގޮތްތައް ދަރިވަރުންނަށް ދަސްކޮށްދެވެއެވެ.
މިކަމުގެ ސަބަބުން ދަރިވަރުންގެ ވިސްނުމުގެ ހުނަރު ތަރައްޤީ ކުރެވެއެވެ. އެހެންނަމަވެސް ގިނަ ސްކޫލްތަކުގައި މިޢިލްމު ކިޔަވައިދެވޭނެ އިންތިޒާމްތައް ހަމަޖެހިފައި ނެތުމަކީ ދަރިވަރުންގެ ވިސްނުން ތަރައްޤީކުރުމަށް ޓީޗަރުންނަށް ދިމާވާ ވަރަށްބޮޑު ގޮންޖެހުމެކެވެ. "ކޮމްޕިއުޓަރ ތަޢުލީމް މެދުވެރިކޮށް ދަރިވަރަށް ބޭނުންވާ ގިނަ މަޢުލޫމާތު ލިބެއެވެ. އެހެންކަމުން ދަރިވަރުގެ މަޢުލޫމާތު މުއްސަނދިވެ ވިސްނުމުގެ ހުނަރު ތަރައްޤީވެއެވެ" ( ޢަލީ އިބުރާހީމް،2008)   
       އަޅުގަނޑަށް ވެސް  ފާހަގަކުރެވޭ ގޮތުގައި ކުޅިވަރުތައް ގެންދެވޭ ދުވަސްވަރެއްގައި ދަރިވަރުންގެ ހުނަރުވެރިކަން އިތުރުވެއެވެ. އަދި ދަރިވަރުން ތަފާތު ކަންކަމާއި ގުޅޭގޮތުން ކުރާ ސުވާލުތައް އިތުރުވެއެވެ. އަދި ކުޅިވަރުގެ ތެރެއިން ދިމާވާކަންތައްތައް ކިޔައިދެއެވެ. ކުޅިވަރާއި ބެހޭގޮތުން އެއްޗެއް ލިޔަން ހަވާލުކޮށްފިނަމަ ވަރަށް އުފެއްދުންތެރި ޚިޔާލުތައް ލިޔެފައި ހުރެއެވެ.  މާދަރީބަހަށް ދަރިވަރުން ދަށްވެއްޖެނަމަ ވިސްނުމުގެ ހުނަރު ދަށްވެއެވެ. މަޒުމޫނެއްފަދަ އެއްޗެއް ލިޔަންދިނަސް ވިސްނުންތެރިކަމާއިއެކު އެ އެއްޗެއް ނުލިޔެވެއެވެ. އަދިފޮތްކިޔުން ދަށްވުމުގެ ސަބަބުން ދަރިވަރުންނަށް އެކަށީގެންވާ ވަރަށް މަޢުލޫމާތު ލިބިފައި ނުހުންނަކަން ވެސް ފާހަގަކުރެވެއެވެ. ފޮތްކިޔުމަށް އާދަވެފައިތިބޭ ދަރިވަރުން ބައެއްފަހަރު ހީވެސް ނުކުރާފަދަ މަޢުލޫމާތުތައް ހިމަނާފައި ހުރެއެވެ. ކޮމްޕިއުޓަރ ޢިލްމަށް މޮޅުކުދިން ވަރަށް އުފެއްދުންތެރިކަމަށް ވެސްމޮޅުކަން ފާހަގަ ކުރެވެއެވެ.
މަސައްކަތް:3 ( "މުދައްރިސުން ކުދިންގެ ތަފާތުކަން ( ޑައިވަރސިޓީ )ބަލައިގަންނަން ވާނެއެވެ. އަދި، ހުރިހާ ކުދިންގެ ކިބައިންވެސް މަތިވެރި އުއްމީދުތަކެއް (ހައިއެކްސްޕެކްޓޭޝަންސް) ކުރަންވާނެއެވެ"މިޢިބާރާތް ޞައްޙަކަން ބަޔާންކޮށްދޭށެވެ.)
         ކޮންމެ ކުލާހެއްގައިވެސް ތަފާތު ކުދިން ތިބޭނެއެވެ. އޭގެ ތެރޭގައި ތަފާތު ވައްތަރުގެ ނުކުޅެދުންތެރިކަން ހުންނަކުދިން ހިމެނެއެވެ. އަދި އުނގެނުމުގައި ދަތިކަން ހުންނަ ކުދިންނާއި ، ތޫނުފިލި ކުދިންވެސް ހިމެނެއެވެ. މިކުދިންގެ ތަފާތުކަން ޓީޗަރުބަލައިގަންނަން ވާނެއެވެ. އަދި އެކުދިންނަށް ވިސްނޭގޮތަށް އެކުދިންނަށް ފަހި ކިޔަވައިދިނުމަކަށް ވިސްނައިގެން ފިލާވަޅުތައް ރާވަން ޖެހެއެވެ. ކުލާހުގައި ގިނަކުދިން ތިބޭއިރު އެއްކުއްޖަކު މޮޅުވާކަމަކަށް އަނެއްކުއްޖަކު މޮޅު ނުވެދާނެއެވެ. ޑެރިކްމޭޑަރ(2014) ވިދާޅުވާގޮތުގައި ކޮންމެ ކުލާހެއްގައިވެސް ތިބޭނީ ތަފާތު ކުދިންނެވެ.20ކުދިން އުޅޭ ކުލާހެއްގައި 20ކުދިންގެވެސް ހުންނާނީ ތަފާތު މިޒާޖެވެ. އެއްކުއްޖެއްގެ ހުންނަ ދަށްކަމަކީ އަނެއްކުއްޖާގެ މޮޅުކަމަކަށް ވެދާނެއެވެ.މިކަންކަން ޓީޗަރ ވިސްނަން ޖެހޭނެއެވެ. އަދި ބަލައިގަންނަން ޖެހޭނެއެވެ.
         ހުރިހާ ކުދިން ޝާމިލްކޮށްގެން ތަޢުލީމް ފޯރުކޮށްދިނުމުގެ ސިޔާސަތެއް މިހާރުވަނީ ކަނޑައަޅާ ފައެވެ. އެ ސިޔާސަތުގައިވާގޮތުން " ނުކުޅެދުންތެރިކަން ހުންނަކުދިންގެ ތެރެއިން "މެއިންސްޓްރީމް" ކުލާސްތަކުގައި އުނގެނެވޭ ފަދަ ކުދިންނަކީ ކޮބައިތޯ ބަލައި އެފަދަކުދިން "މެއިންސްޓްރީމް" ކުރުމަށް ޚާއްޞަ ޕްރޮގުރާމްތަކެއް ހިންގައި އެފަދަކުދިންނަށް މެއިން ސްޓްރީމް ކުލާސްތަކުގައި ކިޔެވުމުގެ ފުރުޞަތު ހޯދައި ދޭންވާނެއެވެ" މިފަދަ ޚަރުދަނާ ސިޔާސަތެއް ހެދިފައިވަނީ ހުރިހާ ކުދިންނަށް ވެސް އެކުދިންގެ ފެންވަރުން ޢިލްމު އުނގެނުމުގެ ފުރުޞަތު ހޯދައިދިނުމުގެ ބޭނުމުގައެވެ. އެހެންކަމުން ޓީޗަރުން ކުލާހުގައި ތިބޭ މިފަދަކުދިން ބަލައިގަންނަން ވާނެއެވެ.
           ކުލާހުގައި ކުދިންތިބޭއިރު ތިބޭނީ ތަފާތު މިޒާޖުގެ ކުދިންކަން ޓީޗަރަށް އެނގެން ވާނެއެވެ. އެހެންކަމުންޓީޗަރު ނަގައިދެއްވާ ފިލާވަޅުތައް ރާވަން ވާނީ މިފަދަ ކުދިންނަށް އަމާޒު ކޮށްގެންނެވެ."ކުލާހުގައި ކުދިން ތިބޭއިރު، އެކުދިންގެ ތެރޭގައި ތަފާތު މިޒާޖުގެ ކުދިންނާއި، ތަފާތު ފެންވަރުގެ ކުދިންނާއި،މިނޫނަސް އެކި މިންގަނޑުތަކުން ކުދިން ތަފާތުވާނޭކަން މުދައްރިސަށް އެނގެންވާނެއެވެ. ކުއްޖާގެ ޠަބީޢަތުގައި ހުންނަ ތަފާތު ކަންތައްތައް ދަނެ ކުއްޖާ ކުލާހަށް އަހުލުވެރި ކުރުވުމާއި ފިލާވަޅު ބުނެދެމުންދާއިރު ކުއްޖާގެ ސަމާލުކަން މުދައްރިސަށް ލެންބެވުމާއި،ދެވޭމަސައްކަތް ފުރިހަމަ ކުރޭތޯ ބެލުމާއި،ކުއްޖާގެ ފަރާތުން އުނިކަމެއް ފެންނަނަމަ އެކަމަށް ލޯހުޅުވުމާއި،އެކަން ހައްލުކޮށް ބެލެހެއްޓެނިވި މާހައުލަކަށް ކުލާސް ހެއްދެވުމަކީ މުދައްރިސްގެ މަސްޢޫލިއްޔަތެކެވެ"(އަޙުމަދު ނަސީރު،2009). ކުލާހުގައި ތިބޭނީ ތަފާތު ކުދިންކަމާއި އެކުދިންނަށް އުނގަންނައި ދިނުމުގައި މި ތަފާތުތަކަށް ރިޢާޔަތްކުރަން ޖެހޭނެކަން ވިދާޅުވަމުން މާޖިދާ ޙަސަން (2013) ބަޔާންކުރައްވާގޮތުގައި ކޮންމެ ދަރިވަރަކީވެސް ތަފާތު ދަރިވަރެކެވެ. ލިބިފައިވާ ތޫނުފިލިކަމާއި ޤާބިލުކަމުގެ ގޮތުންވެސް ކުލާހެއްގައި ހިމެނޭ ހުރިހާ ކުދިންނަކީ އެއްވަރެއްގެ ކުދިބައެއްގެ ގޮތުގައި ބެލެވިގެން ނުވާނެއެވެ. އެގޮތުން ކޮންމެ ކުއްޖަކީވެސް ހެދުންއަޅާގޮތާއި،ޖިންސާއި، އުމުރާއި،ޖިސްމާނީ ޤާބިލްކަމާއި ޢާއިލީ ވަނަވަރާއި ސިޔާސީ ވިސްނުންތަކާއި އުނގެނޭ ތަފާތު ގޮތްތަކާއި މިޒާޖާއި އުޅުމާއި ތޫނުފިލިކަމާއި ހުނަރުގެ ރޮނގުން ތަފާތުކުދިބަޔަކަށް ވާހިނދު އުނގަންނައިދިނުމުގައި މި ތަފާތުތަކަށް ރިޢާޔަތް ކުރަން ޖެހެއެވެ. "ކޮންމެ ކުއްޖަކީވެސް ތަފާތު ކުއްޖެއްކަން ދެނެހުރެ އުނގެނުމާއި އުނގަންނައިދިނުން ކުރިޔަށް ގެންދިޔުމަކީ ވަރަށް މުހިންމު ކަމެކެވެ. އެހެންކަމުން ދަރިވަރުންގެ ފަރުދީ ތަފާތުތަކާއި މާލީ ޙާލަތު ފަދަ ކަންތައްތަކާއި ލާރނިންގ އެބިލިޓީސް ތަފާތު ވާނެކަން ދަންނަ ބަޔަކަށް މުދައްރިސުން ވާން ޖެހެއެވެ"(އަޙުމަދު ސާމިރު ،2013).  
        ކުލާސްރޫމްގައި ތަފާތުކުދިން ތިބިކަމުގައިވިޔަސް އެކުދިންނަށް ކިޔަވައިދޭ ކޮންމެ ޓީޗަރަކުވެސް ހުރިހާ ކުދިންގެ ކިބައިން މަތިވެރި އުންމީދުތަކެއް ކުރަން ވާނެއެވެ.  މާޖިދާ ޙަސަން (2013) ވިދަޅުވާގޮތުގައި ކޮންމެ ޓީޗަރަކުވެސް ތަފާތުކުދިން އުޅޭ ކުލާހަކަށް ކިޔަވައިދޭއިރު  އުޅުމާއި މިޒާޖުގެގޮތުން ތަފާތު ކުދީންގެ ކިބައިގައިހުރި އުނި އަދި ރަނގަޅު ސިފަތަކަކީ ކޮބައިކަން ދެނެގަނެ އެކަންކަމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމާއިއެކު އެކުދިންގެ ކަންތައްތައް ރަނގަޅުކުރެވޭނެކަމަށް އުއްމީދު ކުރަން ވާނެއެވެ. ތަފާތުކުދިންގެ ފަރާތުންވެސް މަތިވެރި އުންމީދުތަކެއް ލިބުމަށް އެދިގެން މަސައްކަތް ކުރެވިއްޖެނަމަ އެކުދިންގެ ފަރާތުން ކާމިޔާބީތައް ފެންނާނެއެވެ. "ދަރިވަރުންގެ ޚާއްސަ ސިފަތައް އެނގި އެކުދިންގެ ކިޔަވާ މާޙައުލު ދެނެގަނެ ކިޔަވައިދިނުމަށްޓަކައި އެކަށީގެންވާ ލަނޑުދަނޑިއެއްގެ މައްޗަށް ބިނާކޮށް، ޕްލޭނެއް ކޮށްގެން ކިޔަވައިދިނުން ކުރިޔަށް ގެންދާނަމަ މުދައްރިސްގެ މަގުޞަދު ޙާޞިލްވުމުގައި ފަސޭހަވެގެން ދާނެއެވެ. މިހެން ކަންތައް ކޮށްފިނަމަ ކުލާހުގައި ތިބޭ ހުރިހާ ދަރިވަރުންނަކީވެސް އުނގެނުމަށް މަސައްކަތް ކުރާ ދަރިވަރުންތަކެއް ކަމުގައި ވެގެން ދާނެއެވެ. އޭރުން ހުރިހާ ދަރިވަރުންނަށް އުނގަންނައި ދިނުމުގެ ފޮނިމީރުކަން ލިބި މުދައްރިސް އުންމީދުކުރާ ނަތީޖާ ދަރިވަރުންގެ ކިބައިން ފެނިގެންދާނެއެވެ" ( އަޙުމަދު ސާމީރު،2013).
    ލިބުނު މަޢުލޫމާތުގައި ވާގޮތަށް ކިޔަވައިދިނުމުގައި އަޅުގަނޑު މި ހޭދަކުރި ދުވަސްތަކުގައި އެއް ކުލާހަކުން ތަފާތު ކުދިން ފެނިފައި ވެއެވެ. ފިލާވަޅު ނަގައިދޭއިރު އެކި ކުދިންނަށް ވިސްނެނީ އެކި ވަރަށެވެ. މިކަން ދަރިވަރުންނަށް ފިލާވަޅު އޮޅުން ފިލުވައިދޭ ގަޑީގައާއި މަސައްކަތް ހަވާލުކުރުމުން ފާހަގަ ކުރެވެއެވެ. ވަރަށް އަވަހަށް މަސައްކަތް ނިންމާ ދަރިވަރުންވެސް އުޅެއެވެ. މިފަދަ ދަރިވަރުންނަށް އިތުރު މަސައްކަތް ހަވާލު ކުރަން ޖެހެއެވެ. މަސައްކަތް ނިންމަން ލަސްކުދިން ނުވަތަ ވިސްނޭ މިންވަރު ދަށް ކުދިންނަށް އިތުރަށް ބުނެދޭންޖެހެއެވެ. އަދި ވަރަށްބޮޑަށް އެހީތެރިކަން  ބޭނުންވާ ދަރިވަރުންނަށް ޚާއްޞަ ސާމާލުކަމެއް ދޭންޖެހެއެވެ. އެހެންނޫންނަމަ އެކުދިންނަށް އެއްވެސް އެއްޗެއް ނޭގޭނެއެވެ. އެހެންކަމުން ފިލާވަޅު ތައްޔާރުކުރާއިރުވެސް އެކުދިންނަށް ވިސްނަންޖެހެއެވެ. މިގޮތްގޮތަށް ކަންތައްތައް ކުރުމުގެ ސަބަބުން ބައެއްފަހަރު ވަރަށް ހީވެސް ނުކުރާ ކަންތައްތަކާއި ކުރިމަތިވެއެވެ. ދަރިވަރުންނާއި ބެލެނިވެރިން ޝަކުވާތައް ކުރިމަތިވެއެވެ. އެހެންނަމަވެސް ވިސްނައިދެވޭތޯ ވަރަށް ބޮޑަށް މަސައްކަތް ކުރެވިފައި ވާނެއެވެ. ހުރިހާ ދަރިވަރުންވެސް ތަފާތުވާނެކަން ވިސްނައިގެން ދަރިވަރުންގެ ނަތީޖާ ރަނގަޅުކުރުމަށް މަސައްކަތް ކުރަމެވެ. އަޅުގަނޑުމެންނަކީ އިންސާނުންނަށް ވާއިރު ހުރިހާ މީހުންވެސް ތަފާތުވާނޭކަން އަޅުގަނޑު ޤަބޫލު ކުރަމެވެ.
        އަޅުގަނޑު ކިޔަވައިދޭ ހުރިހާ ކުދިންގެ ފަރާތުންވެސް ރަނގަޅު ނަތީޖާއެއް ލިބުމަށް އުންމީދު ކުރެވެއެވެ. ދަރިވަރުން ރަނގަޅު ނަތީޖާއެއް ހޯދުމުން ވަރަށް އުފާވެއެވެ. އަދި ދަށް ނަތީޖާ ހޯދާ ދަރިވަރުންނަށް ވަރަށް ބޮޑަށް ހިތްވަރު ދެވެއެވެ. އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި ކޮންމެ ޓީޗަރަކުވެސް އެޓީޗަރަކު ކިޔަވައިދޭ ދަރިވަރުންގެ ފަރާތުން ރަނގަޅު ކަންތައްތަކެއް ފެނުމަށާއި، ރަނގަޅު ނަތީޖާއެއް ލިބުމަށް އެދޭނެއެވެ. ދަރިވަރުން ހޯދާ ކޮންމެ ކާމިޔާބީއަކީ ވެސް އަޅުގަނޑަށް ލިބޭ ވަރަށްބޮޑު ކާމިޔާބީއެއްގެ ގޮތުގައި ދެކެވެއެވެ. ކުލާހުގައި އުޅޭ ދަށް ކުއްޖަކު މޮޅުވުމުން ވަރަށް ބޮޑަށް އުފާވެއެވެ. އަދި ކޮށްދެވުނު މަސައްކަތް ކާމިޔާބުވުމުން ހިތްހަމަޖެހުން ލިބެއެވެ. އަޅުގަނޑު ދެކޭގޮތުގައި ކޮންމެ ޓީޗަރަކުވެސް  ދަރިވަރުންގެ ތަފާތުތައް ދެނެގަނެ އެކުދިންގެ ފަރާތުން މަތިވެރި އުންމީދުތަކެއް ކުރާނެއެވެ.    
މަސައްކަތް:4 (ދަރިވަރުންގެ އުނގެނުމަށް އަސަރުފޯރުވާ ބައެއް ކަންކަމާއި އެކަންކަމުން އަސަރުފޯރުވާގޮތް)
       ދަރިވަރުންގެ އުނގެނުމަށް އަސަރު ފޯރުވާ ކަންކަމުގެ ތެރޭގައި މުދައްރިސް ތައްޔާރުވުމާއި އިންތިޒާމްކަމާއި، ކުލާހުގައި ދަރިވަރުންނާއި ކުރެވޭ މުޢާމަލާތާއި،ދަރިވަރުންނާއި އޮންނަ ގުޅުމާއި،ސާފުކޮށް އޮޅުންފިލާނޭހެން ބުނެދިނުން ހިމެނެއެވެ.
         މުދައްރިސް ރަނގަޅަށް ފިލާވަޅަށް ތައްޔާރުވާންޖެހެއެވެ. ފިލާވަޅަށް ރަނގަޅަށް ތައްޔާރުވެވިއްޖެނަމަ ދަރިވަރުން ފޫހިނުވެ ކިޔެވުމަށް މަސައްކަތް ކުރާނެއެވެ. އަދި ކުލާހުގައި ތިބޭ ހުރިހާ ކުދިންނަށްވެސް އަމާޒުކޮށްގެން ފިލާވަޅުތަކާއި އެކަށީގެންވާގޮތަށް ކުލާސްރޫމް އިންތިޒާމްކުރުމަކީ ދަރިވަރުންގެ އުނގެނުމަށް ލިބޭ ކުރިއެރުމެކެވެ.  "މުދައްރިސެއްގެ ގޮތުން  ކުރަންޖެހޭ އެންމެ މުހިންމު މަސައްކަތަކީ އުގަންނައި ދިނުމެވެ. ދަރިވަރުންނަށް އުގެނުމަށްފަހި މާހައުލެއް މުދައްރިސް ފޯރުކޮށްދޭން ޖެހެއެވެ. ކުލާހަށް ވަނުމުގެ ކުރިން ފުރިހަމަށް ފިލާވަޅަށް ތައްޔާރުވާންޖެހެއެވެ. ކުލާހުގައިވާ ކޮންމެ ދަރިވަރެއްގެ ފެންވަރަށް ވިސްނައިގެން ކިޔަވައިދެވޭނެ ގޮތަކަށް (ޑިފަރަންޝިއޭޓަޑް އިންސްޓްރަކްޝަން) ފިލާވަޅު ރާވަން ޖެހެއެވެ. ދަރިވަރުން ފޫހިނުވެ ފިލާވަޅާއި ގަޔާވެގެން އުގެނުމުގެ މަސައްކަތް ކުރިއަށް ދާނެގޮތަކަށް ފިލާވަޅު ބައްޓަން ކުރަންޖެހެއެވެ" ( އިބުރާހީމް މުޙައްމަދު،2012 ) ފިލާވަޅެއް ނެގުމަށް ރަނގަޅަށް ތައްޔާރުވެ ކަންތައްތައް ރަނގަޅަށް ރާވާލުމާއި ބެހޭގޮތުން މުޙައްމަދު ނާޝިދު (2009) ވިދާޅުވާ ގޮތުގައި ދަރިވަރުން ޝަޢުޤުވެރިވާނޭގޮތަށް ފިލާވަޅު ރާވައި ނުލެވިއްޖެނަމަ އެދުވަހުގެ އެފިލާވަޅަކީ ދަރިވަރުންނަށާއި، މުދައްރިސަށް ގެއްލިގެންދާ ވަގުތުތަކެކެވެ. އެހެންކަމުން އަބަދުވެސް ދަރިވަރުންނަށް ފައިދާކުރާނެ ކާމިޔާބު ފިލާވަޅެއް ނެގުމަށް ފުރިހަމައަށް ތައްޔާރުވެ، ކަންތައްތައް ފުރިހަމައަށް ރާވާލުން ވަރަށް މުހިއްމެވެ. މިގޮތަށް ރާވައިލާއިރު ކުދިންނަށް ވީހާވެސް ގިނަ ފުރުޞަތުތަކެއް ދެވޭނެގޮތަކަށް ފިލާވަޅު ރާވައިލެވިއްޖެނަމަ އެފިލާވަޅެއް ކާމިޔާބު ފިލާވަޅަކަށް ވުމަކީ އެއްވެސް ޝައްކެއް އޮތްކަމެއް ނޫނެވެ.
        މުދައްރިސުން ކިޔަވައިދޭއިރު ކުލާހުގައި ދަރިވަރުންނާއި ކުރެވޭ މުޢާމަލާތުގެ ސަބަބުންވެސް ދަރިވަރުންގެ އުނގެނުމަށް އަސަރުކުރެއެވެ. އިބުރާހީމް ޙަސަން (2008) ހާމަކުރައްވާ ގޮތުގައި މުދައްރިސް  ހުރިހާ ދަރިވަރުންގެ ކުރިމަތީގައި ވަކި ދަރިވަރަކާއި ޖަދަލުކޮށްފިނަމަ ކުލާހުގައި ދަރިވަރުން އަޑުގަދަކޮށް މުދައްރިސަށް އުނދަގޫ ކުރާނެއެވެ. އަދި ހުރިހާކުދިން މުދައްރިސްދެކެ ރުޅިއައިސް އެގަޑީގައި  ކިޔެވުމަށް ފޫހިވާނެއެވެ. ކޮންމެ މުދައްރިސަކުވެސް ދަރިވަރުންނާއި މުޢާމަލާތުކުރާއިރު ވިސްނަންޖެހެއެވެ. އައު މުދައްރިސުން މިކަމަށް ޚާއްޞަ ސަމާލުކަމެއް ދޭން ޖެހެއެވެ.އިބުރާހީމް މޫސާފުޅު(2009) ވިދާޅުވާގޮތުގައި މުދައްރިސަށް ކުރެވޭ މުވާޞަލާތަކުން މެނުވީ ދަރިވަރުންނަށް ޢިލްމާއި މަޢުލޫމާތާއި ހުނަރުވެރިކަން ބުނެއެއްނުދެވޭނެއެވެ. އަދި ރަނގަޅު މުވާޞަލާތީ ގުޅުމުން މުދައްރިސާއި ދަރިވަރުންގެ މެދުގައި ދެނެގަތުންބޮޑުވެ މުދައްރިސުން ދަރިވަރުންގެ ކިބައިން ބޭނުންވާ ކަންތައްތައް ދެނެގަނެވި،ދަރިވަރުންގެ އިޙްސާސްތައް މުދައްރިސުންނަށް ދެނެގަނެވޭނެއެވެ.
        އެހެންކަމުން މުދައްރިސުން ދަރިވަރުންނާއި މުޢާމަލާތު ކުރަންވާނީ އޯގާތެރިކަމާއި އެކުވެރިކަމާއި އެކުގައެވެ. ދަރިވަރުން ތަޢުލީމް އުނގެނުމުގައި ފޫހިނުވާނީ އޭރުންނެވެ. ދަރިވަރުންގެ ފަރާތުން ހިތްހަމަ ނުޖެހޭ ފަދަ ކަމެއް ދިމާވިޔަސް ދަރިވަރުންދެކެ ރުޅިއައުމުގެ ބަދަލުގައި މަސައްކަތް ކުރަންޖެހޭނީ ދަރިވަރުންނަށް ވިސްނައިދެވޭތޯއެވެ. އޭރުން ދަރިވަރުން ޢިލްމު އުގެނޭހިތްވާ އަދި ޢިލްމު އުނގެނުމަށް މަސައްކަތްކުރާ ކުދިބަޔަކަށް ވެގެން ދާނެއެވެ.
       ސާފުކޮށް އޮޅުން ފިލާނޭހެން ފިލާވަޅުތައް ބުނެދިނުމަކީ ވަރަށް މުހިއްމު ކަމެކެވެ. ޑރ.މެޑަލިން ހަންޓަރ(2003) ވިދާޅުވާގޮތުގައި ނަގައިދޭ ފިލާވަޅުގެ މުހިއްމުކަމާއި ފިލާވަޅު ނިމޭއިރު ދަރިވަރުންނަށް އެނގެންޖެހޭނެ މިންވަރާއި،އެމިންވަރު ޙާޞިލްކުރަން ކުރަންވީކަންކަން ދަރިވަރުންނަށް ސާފުކޮށްބުނެދީ އޮޅުންފިލުވައިދޭން ޖެހޭނެއެވެ. ފިލާވަޅު ސާފުކޮށް އޮޅުންފިލުވައިދިނުމާއި ބެހޭގޮތުން އިބުރާހީމް މޫސާފުޅު (2009) ހާމަކުރައްވާގޮތުގައި ދަރިވަރުންނަށް އޮޅުންފިލުވައި ދެމުންދާ ފިލާވަޅުގެ މުހިއްމު ނުކުތާތައް ދަރިވަރުންނަށް ވަރަށް ސާފުކޮށް އޮޅުންފިލަން ޖެހޭނެއެވެ.އޭރުން ދަރިވަރުންނަށް ރަނގަޅަށް ފިލާވަޅު ބުނެދެވި މަޢުލޫމާތު ފޯރުކޮށްދެވޭނެއެވެ.މުދައްރިސުން ދަރިވަރުންނާއި އޮންނަ ގުޅުމުގެ ސަބަބުންވެސް ދަރިވަރުންގެ އުނގެނުމަށް އަސަރު ކުރެއެވެ. "މުދައްރިސުންނާއި ދަރިވަރުންނާއި ދެމެދު އޮންނަ ގުޅުމަކީ ދަރިވަރުންގެ އުނގެނުމަށް ސީދާ ގޮތެއްގައި އެންމެ ބޮޑަށް އަސަރުފޯރުވާ އެއްކަމެވެ"(މުޙައްމަދު ޢަދްލީ،2009). ޓީޗަރުން ދަރިވަރުންނާމެދު ގޯސްކޮށްދެކި ރަނގަޅު ގުޅުމެއް ނުބާއްވާނަމަ ދަރިވަރާއި ޓީޗަރުގެ ގުޅުން ހީނަރުވެ ދަރިވަރު ކިޔެވުންމަތިން ފޫހިވެއެވެ. ރަނގަޅު ގުޅުމެއް ބާއްވާނަމަ ދަރިވަރުގެ އުނގެނުން ރަނގަޅުވެއެވެ. ޚަދީޖާ އިސްމާޢީލް (2006)ވިދާޅުވާގޮތުގައި ދަރިވަރެއްގެ ކިބައިގާހުރި ކަމުނުދާ ކަމެއްގެ ސަބަބުން ނުވަތަ ވަކިޢާއިލާއަކުން އައިސްފައިވާ ކުއްޖަކަށްވާތީ މުދައްރިސަށް ދަރިވަރާއި ދޭތެރޭގައި ރަނގަޅު ގުޅުމެއް ނުބޭއްވެވުމުން ދަރިވަރުގެ އުނގެނުމަށް ނޭދެވޭ އަސަރުކުރިއެވެ. ނަމަވެސް ފަހުން އެދަރިވަރުގެ ވިސްނުންތޫނުކަން އެނގި އެދަރިވަރާއިދޭތެރޭ ރަނގަޅު ގުޅުމެއް ބޭއްވުމުގެ ސަބަބުން ދަރިވަރުގެ އުނގެނުން ރަނގަޅުވެ، ރަނގަޅު ކާމިޔާބީތަކެއް ހޯދިއެވެ. އަދި އެދަރިވަރުގެ ސްކޫލްދަޢުރު ނިމުމުންވެސް މުދައްރިސަށް އިޙްތިރާމް ކުރަމުން ދިޔައެވެ.
     އަޅުގަނޑަށް ޤަބޫލުކުރެވޭ ގޮތުގައި މަތީގައި ދެންނެވިފައިވާ ކަންތައްތަކުގެ ސަބަބުން ދަރިވަރުންގެ ކިޔެވުމަށް ވަރަށް ބޮޑަށް އަސަރު ކުރެއެވެ. ދަރިވަރުންނާއި ރަނގަޅު ގުޅުމެއް ބާއްވައިގެން ކިޔަވައިދޭ ނަމަ ދަރިވަރުން ޝަޢުޤުވެރި ކަމާއިއެކު ކިޔަވައެވެ. ބައެއްފަހަރު މާބޮޑަށް ދަރިވަރުންނާއި ގާތްކޮށްލައިގެން އުޅުމުގެ ސަބަބުން ދަރިވަރުން މުދައްރިސް ދެކެ ލަދެއްވެސް ނުގަނެއެވެ. މުދައްރިސް ހުންނައިރުވެސް ކޮންމެ އެއްޗެއްވެސް ކިޔާފާނެއެވެ. ފިލާވަޅު ނުހެދުނަސް ދަރިވަރުންނަށް މާބޮޑު ކަމަކަށް ނުވެއެވެ. މުދައްރިސް އެއްޗެކޭ ބުންޏަސް މާބޮޑުކަމަކަށް ނުހަދައެވެ. އަދި މުދައްރިސަށް އިޙްތިރާމްކުރުން ކުޑަވެއެވެ. އެހެންކަމުން ދަރިވަރުންނާއި މުދައްރިސާއި ދޭތެރޭ ދުރުމިނެއްވެސް ބަހައްޓަން ޖެހެއެވެ. ދަރިވަރުންނާއި މުޢާމަލާތު ކުރަންވާނީ ރަނގަޅަށެވެ. ދަރިވަރާއި ދިމާއަށް ބުނެވޭ އެއްޗެއްގެ ސަބަބުން އެކުދިންގެ ކިޔެވުންމަތިން ފޫހިވެއެވެ. ބައެއްޓީޗަރުން ބުނާ އެއްޗަކުން އެމާއްދާއެއް ނުކިޔެވުމަށް ވެސް ދަރިވަރުން އަޒުމްކަނޑައަޅައެވެ. އެމާއްދާ އޮންނަ ދުވަސްދުވަހު ސްކޫލަށް އައުމުގައި ފަރުވާކުޑަކޮށްފައި އެބަހުއްޓެވެ. މިގޮތަށް ކަންތައްކުރުމުން ދަރިވަރުންނަށް މުދައްރިސުންނަކީ ބޮޑު ބިރަކަށްވެސް ވެއެވެ. މިއީ ވަރަށް ދެރަކަމެއްކަމަށް އަޅުގަނޑު ފާހަގަ ކުރަމެވެ. މުދައްރިސުން ދަރިވަރުންނާއި މުޢާމަލާތް ކުރަންވާނީ އޯގާތެރިކަމާއި ލޯތްބާއި އެކުގައެވެ.
    ފިލާވަޅަށް ރަނގަޅަށް ތައްޔާރުވެވިއްޖެ ނަމަ ފިލާވަޅުގެ ބޮޑުބައި ކާމިޔާބުވެއެވެ. އެހެންނަމަވެސް ފިލާވަޅު ރަނގަޅަށް ސާފުވާނޭހެން އޮޅުންފިލުވައިދީގެން ނޫނީ މިކަން ކާމިޔާބުކުރަން އުނދަގޫވާނެއެވެ. އެހެންކަމުން ދަރިވަރުންނަށް އެނގޭނޭފަދަ ގޮތަކަށް ވިސްނުން ބަހައްޓައިގެން ފިލާވަޅު އޮޅުންފިލުވައިދޭން ޖެހެއެވެ. އެއްގޮތަކުން ނޭގިއްޖެނަމަ ދެވަނަގޮތެއްވެސް ބޭނުންކުރަން ޖެހެއެވެ. މުދައްރިސްގެ މަޤްޞަދަކަށް ވާންވާނީ ދަރިވަރަށް ރަނގަޅަށް ފިލާވަޅު ދޭހަވުމެވެ. އަޅުގަނޑަށް ތަޖުރިބާކުރެވިފައި ވާގޮތުގައި މިދެންނެވި ކަންތައްތައް ރަނގަޅުކުރެވިގެން ނޫނީ މުދައްރިސްގެ ކިޔަވައިދިނުން ކާމިޔާބެއް ނުކުރެވޭނެއެވެ. އަދި ދަރިވަރުންގެ ލޯތްބާއި އެއްބާރުލުމެއް ނުލިބޭނެއެވެ.
ނިންމުން
         ދަރިވަރުންގެ މުސްތަޤްބަލަށްޓަކައި މުދައްރިސުން ކޮށްދޭންޖެހޭ ގިނަ ކަންތައްތަކެއް  މިމަސައްކަތުން އަޅުގަނޑަށް އެނގިގެން ހިނގައްޖެއެވެ. އެހެންކަމުން އަޅުގަނޑު ދެކޭގޮތުގައި މިމަސައްކަތުން އެނގިގެން މިދިޔަ ކަންތައްތައް ކުރުމުގައި މުދައްރިސުން ވަރަށް ބޮޑަށް ވިސްނަން ޖެހެއެވެ. މުދައްރިސުންނަކީ ދަރިވަރުންނަށް އުނގަންނައިދޭން ތިބޭ ބަޔަކަށް ވާއިރު މިދެންނެވި ކަންތައްތަކަކީ ކޮންމެހެންވެސް އެނގެންޖެހޭ ކަންތައްތަކެކެވެ.  އެހެން ނޫނީ މުދައްރިސުންގެ ސަބަބުން ދަރިވަރުންގެ މުސްތަޤްބަލް ބަނަވެގެން ހިނގައިދާނެއެވެ. ދަރިވަރުން އުންމީދުކުރާ ފަދަ ކާމިޔަބީއެއް ޙާސިލްކުރެވެނީ މުދައްރިސުންގެ ވަރަށްބޮޑު އެއްބާރުލުމެއް އެކުދިންނަށް ލިބިގެންނެވެ. މުދައްރިސުންނަކީ ދަރިވަރުންގެ ދެވަނަ މައިންބަފައިންނަށް ވީހިނދު އެކުދިންގެ މުސްތަޤްބަލަށް ވިސްނައިގެން އެކުދިންގެ ލަނޑުދަނޑި ޙާޞިލް ކޮށްދެއްވުމަށް ގިނަގުނަ މަސައްކަތްތަކެއް ކޮށްދޭން ޖެހިފައިވާކަން ވެސް  މިމަސައްކަތުން ހާމަވެގެން ހިނގައްޖެއެވެ. މިކަންތައް ކޮށްދެއްވުމުގައި އެއްވެސް ދަރިވަރަކަށް ތަފާތުކުރެވިގެން ނުވާނެއެވެ. ހުރިހާ ކުދިންނަކީވެސް އަމިއްލަ ދަރިންގެ ގޮތުގައި ދެކެންޖެހޭނެއެވެ. މި މަސައްކަތުން އެނގިގެން މިދިޔަ ކަންތައްތަކަށް ވިސްނައިގެން އުނގަންނައިދިނުން ކުރިއަށް ގެންދާ ކޮންމެ މުދައްރިސަކަށާއި،އެމުދައްރިސެއް ކިޔަވައިދެއްވާ ދަރިވަރުންނަށް ކުރިއެރުމާއި ކާމިޔާބު ލިބޭނެކަމަށް އުންމީދު ކުރަމެވެ.
ރެފަރެންސް
ޙަސަން އުގައިލް.(2014، އޯގަސްޓް 26). ޅައުމުރުގައި ތަފާތު ވައްތަރުގެ ލިޔެކިޔުމަށް ކުދިން ޝައުގުވެރި ކުރުވުން މުހިންމު!. ހަވީރު. ނެގީ
      http://www.haveeru.com.mv/dhivehi/professor_ugails_column/159945ން
ޚަދީޖާ އިސްމާޢީލް. (2006،ޑިސެމްބަރ). ހުރިހާ ދަރިވަރުން ހަމަހަމަ ކުރެވޭތަ؟.  ދަރުމަ 6(8)،45-47.
އަޙުމަދު ނާޞިރު. (2009).ދަރިން ތަރުބިއްޔަތު ކުރުމުގައި މައިން ބަފައިންނާއި މުދައްރިސުންގެ ޒިންމާ. ނެގީ
އަޙުމަދު ސާމިރު. (2013،މެއި11). ދަރިވަރުންގެ ތަފާތުތަކާއި އެކުދިންގެ ބޭނުންތައް  {ވެބްލޮގް މެސެޖް}. ނެގީ
      http://saamirdell.blogspot.com/2013_05_01_archive.htmlން
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު.(2014). މާދަރީބަހުގެ މުހިއްމުކަން އަޅުގަނޑުމެން ދެނެގަންނާން އެބަ ޖެހެއެވެ.ނެގީ
29&id=1848%3A2014-03-06-09-00-44&option=com_content&Itemid=16   ން
އަމިއްލަ މިޒާޖާއި އުޅުން ތަރައްޤީ ކުރާނީ ކިހިނެއް؟.(2012، އޮކްޓޯބަރ 10). ސަން އެމްވީ. ނެގީ
    http://sun.mv/r/1218ން
ޢަލީ އިބުރާހީމް.(2008،އޯގަސްޓް).ކޮމްޕިއުޓަރ ތަޢުލީމް- އިންސާނާ ކަންނެތްކުރުވި މެޝިން. ޖަމާޢަތުގެ ޚަބަރު(357)   
    15-20.
އާސިމް އަހުމަދު.(2013). ހުރިހާ ކުދިން ޝާމިލްކޮށްގެން ތަޢުލީމް ފޯރުކޮށްދިނުމުގެ ސިޔާސަތު. ސަރކިއުލަރ.މާލެ:                 
    މިނިސްޓްރީ އޮފް އެޑިޔުކޭޝަން.
އިބުރާހީމް ޙަސަން. (2008،މާޗް). ކިޔަވައިދެވޭފަދަ މާޙައުލަކަށް ކުލާސްތެރެ ހެދުން. ޖަމާޢަތުގެ ޚަބަރު (352)،7-8.
އިބުރާހީމް މުޙައްމަދު. (2012). ދަރިވަރުންގެ ޝަޚުޞިއްޔަތު ބިނާކުރުމާއި މަގުދެއްކުމުގައި މުދައްރިސުން. ނެގީ
އިބުރާހީމް މޫސާފުޅު. (2009،މެއި). ދަރިވަރުންނާއި މުޢާމަލާތުކުރުމަށް ތައްޔާރުވުން.ޖަމާޢަތުގެ ޚަބަރު(366)،23-24.           
އައިޝަތު ޒަޢީމާ. (2011). ކަރިކިއުލަމް ސްޓަޑީޒް. މާލެ: ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ.
މުޙައްމަދު ނާޝިދު.(2009،އޭޕްރީލް). ކިޔަވައިދިނުމުގައި ކުދިން ބައިވެރިކުރުން. ޖަމާޢަތުގެޚަބަރު(365)،16-17.
މުހައްމަދު ޢަދްލީ. (2009،ޖޫން). ދަރިވަރުން އުނގެނުމަށް ތައްޔާރުވުން.  ޖަމާޢަތުގެ ޚަބަރު (367)، 16-17.
މާޖިދާ ޙަސަން. (2013،މެއި11).ދަރިވަރުންގެ ތަފާތުތަކާއި އެކުދިންގެ ބޭނުންތަކަށް ވިސްނައިގެން ކިޔަވައިދިނުން
    {ވެބްލޮގް މެސެޖް}.ނެގީhttp://majidhahassan.blogspot.com/2013/05/blog-ost_4845.htmlން
ޑެރިކްމޭޑަރ.(2014). ޓީޗިންގ އެކްސްޕާރޓް.  ނެގީ














އެޕެންޑިކްސް
ސާރވޭ ފޯމު
މިއީ ދިވެހިރާއްޖޭގެ ސްކޫލުތަކުގައި ކިޔަވައިދިނުމުގައި ޓީޗާރސް ސެންޓެޑް ލާރނިންނަށްވުރެ ސްޓޫޑެންޓް ސެންޓާރޑް ލާރނިން ބޭނުންކުރެވެނީ ކޮންހާލަތެއްގައި ކިހާމިންވަރަކަށްތޯ ބެލުމަށް ކުރެވޭ ދިރާސާއަކަށް މަޢުލޫމާތު ހޯދުމަށް ފުރާ ސާރވޭ ފޯމެކެވެ. މިދިރާސާގައި އެއްވެސް ފަރާތެއްގެ ޒާތީ މަޢުލޫމާތު ހާމައެއް ނުކުރާނަމެވެ. ސާރވޭ ފޯމު ފުރައިގެން ހޯދޭ މަޢުލޫމާތަކީ ޖުމުލަގޮތެއްގައި ގަނޑުކޮށް ބޭނުންކުރެވޭ މަޢުލޫމާތެވެ. ވީމާ ފޯމުގައިވާ ހުރިހާ ސުވާލަކަށް ތެދުވެރިކަމާއެކު ޖަވާބުދިނުންއެދެމެވެ.
ނަން:
އަތޮޅާއި ރަށް:
ސްކޫލު:
ގްރޭޑް: 
ކިޔަވައިދޭ މާއްދާތައް:
1-     ތިބާގެ ކިޔަވައިދިނުމުގައި ބޮޑަށް ބޭނުންކުރަނީ
ހ- ޓީޗާރސް ސެންޓެޑް ލާނިންހެއްޔެވެ؟      ށ- ސްޓޫޑެންޓް ސެންޓާރޑް ލާނިންހެއްޔެވެ؟

2-     ދަރިވަރުން ބޮޑަށް ޝައުޤުވެރިވަނީ ސްޓޫޑެންޓް ސެންޓާރޑް ލާރނިންއަށް ކިޔަވައިދިނީމައެވެ.
ހ- އާއެކެވެ.                      ށ- ނޫނެކެވެ.

3-     ސްޓޫޑެންޓް ސެންޓާރޑް ލާރނިންއަށް ކިޔަވައިދިނުމުން ދަރިވަރުންނަށް ދޭހަވާ މިންވަރު އިތުރުވެއެވެ.
ހ- އާއެކެވެ.                      ށ- ނޫނެކެވެ.

4-     ސްޓޫޑެންޓް ސެންޓާރޑް ލާރނިން ކިޔަވައިދިނުމުގައި ބޮޑަށް ބޭނުންކުރެވެނީ
ހ- ޕްރައިމަރީގައެވެ.                   ށ- ސެކަންޓަރީގައެވެ.

5-     ސްޓޫޑެންޓް ސެންޓާރޑް ލާނިން ބޮޑަށް ބޭނުންކުރަނީ ކޮންމާއްދާތަކެއްގައި ހެއްޔެވެ؟

6-     ސްޓޫޑެންޓް ސެންޓާރޑް ލާނިން ބޮޑަށް ބޭނުންކުރަނީ ކޮންކަހަލަ ޙާލަތްތަކެއްގައި ހެއްޔެވެ؟

7-     ހަފްތާއެއްގެ މައްޗަށް ސްޓޫޑެންޓް ސެންޓާރޑް ލާނިން މެތަޑަށް ކިޔަވައިދޭ ކިތައްފިލާވަޅު ނެގޭހެއްޔެވެ؟

8-      ޓީޗާރސް ސެންޓެޑް މެތަޑް ބޭނުންކުރަނީ ކޮންކަހަލަ ގަޑިތަކެއްގައި ހެއްޔެވެ؟ އަދި އެއީ ކީއްވެގެންހެއްޔެވެ؟ 

No comments:

Post a Comment